ސުންނަތުގެ ޝަރުޢީ މާނަ
بسم الله الرّحمن الرّحيم
الحمد لله، والصّلاة والسّلام على رسول الله، وعلى آله وصحبه ومن والاه، وبعد:
ނަބިއްޔާ -صَلَّى اللهُ عَلَيْهِ وَسَلَّمَ- ގެ ޙަދީޘްފުޅެއްގައި، ނުވަތަ އަޞްޙާބް ބޭކަލުންނާއި ތާބިޢީ ބޭކަލުންގެ އަރިހުން ވާރިދުވެފައިވާ އަޘަރުތަކުގައި السُّنَّةُ މި ކަލިމަ އަތުވެއްޖެ ނަމަ، އަދި އެ ބަސްފުޅުތަކުގައި އޭގެ ރަނގަޅުކަމަށް އިޝާރާތްކުރެވިފައި ވާނަމަ، އޭގެ މުރާދަކީ ޢާންމު ޝަރުޢީ މާނައެވެ. އެބަހީ: ޢަޤީދާއާއި ގުޅުންހުރި ކަންތައްތަކާއި، ޢަމަލުތަކާއި ގުޅުންހުރި އެންމެހައި ކަންތައްތަކެވެ. އެއީ ވާޖިބު، ނުވަތަ މުސްތަޙައްބު، ނުވަތަ މުބާޙު ކަމެއް ކަމުގައި ވިޔަސް މެއެވެ.1
ވުމާއެކު، ޝަރީޢަތުގައި السُّنَّةُ މި ކަލިމަ ޢާންމުކޮށް ބޭނުންކުރެވިފައިވަނީ ނަބިއްޔާ -صَلَّى اللهُ عَلَيْهِ وَسَلَّمَ- އެކަންކަމާއިގެން ވަޑައިގެންނެވި އެންމެހައި ކަންކަމަށެވެ. ޢަޤީދާއާއި ގުޅުން ހުރި ކަންކަމާއި، ޢަމަލުތަކާއި ގުޅުން ހުރި ކަންކަމެވެ. އޭގެ ތެރެއިން ވާޖިބް ކަންތައްތަކާއި، މުސްތަޙައްބު ކަންތައްތަކާއި، މުބާޙު ކަންތައްތައް ހިމެނެއެވެ.
މި މާނާގައި ނަބިއްޔާ -صَلَّى اللهُ عَلَيْهِ وَسَلَّمَ- ޙަދީޘްކުރައްވާފައި ވެއެވެ.
(( فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي ))މާނައީ: “ފަހެ، ތިމަން ނަބިއްޔާގެ ސުންނަތަށް ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ، އޭނާއަކީ ތިމަން ނަބިއްޔާގެ ކިބައިންވާ މީހެއް ނޫނެވެ!”
މި ޙަދީޘްގެ މާނައަކީ: “ތިމަން ނަބިއްޔާގެ މަގު ދޫކޮށް، ތިމަން ނަބިއްޔާ ނޫން އެހެން މީހެއްގެ މަގަށް ތަބާވެއްޖެ މީހާއަކީ ތިމަން ނަބިއްޔާގެ ކިބައިން ވާ މީހެއް ނޫނެވެ.”2
މިތަނުގައި ސުންނަތް މާނަ ކުރައްވާފައި މިވަނީ މުސްތަޙައްބު ކަންތައްތައް، ނުވަތަ ކުރުމުން ސަވާބު ލިބޭ، ނުކޮށް ދޫކޮށްލުމުން ޢަޛާބު ނުލިބޭ ކަންތައްތަކުގެ މާނައިގައެއް ނޫނެވެ. އަދި ކިއެއްތަ! މިތަނުގައި ސުންނަތުގެ މާނައަކީ ނަބިއްޔާ -صَلَّى اللهُ عَلَيْهِ وَسَلَّمَ- ގެ މަގެވެ. އެކަލޭގެފާނުގެ ގޮތެވެ.
ހަމަ މިމާނާގައި އަދިވެސް އެކަލޭގެފާނު -صَلَّى اللهُ عَلَيْهِ وَسَلَّمَ- ޙަދީޘްކުރައްވާފައި ވެއެވެ.
(( فَعَلَيْكُمْ بِسُنَّتِي ))މާނައީ: “ތިޔަބައިމީހުން ތިމަން ކަލޭގެފާނުގެ ސުންނަތުގައި ހިފަހައްޓާށެވެ!”
މިތަނުގައިވެސް ސުންނަތުގެ މާނައަކީ: “އެއީ އެ މަގެއްގެ މަތީގައި، އެ ގޮތެއްގެ މަތީގައި ތިމަން ނަބިއްޔާ ހުންނެވި ގޮތެވެ. އަދި ތިމަން ނަބިއްޔާ ތިޔަބައިމީހުންނަށް ތަފްޞީލުކޮށް ބަޔާންކޮށްދެއްވި ތިމަން ނަބިއްޔާގެ މަގެވެ. ތިމަން ނަބިއްޔާގެ ސީރަތެވެ. އޭގައި ތިމަން ނަބިއްޔާ ވަނީ ތިޔަބައިމީހުންނަށް ޢަޤީދާގެ ޙުކުމްތަކާއި، ޢަމަލީ ޙުކުމްތަކުގެ ތެރެއިން ވާޖިބުކަންތައްތަކާއި، މަންދޫބު ކަންތައްތަކާއި، އެނޫން ކަންތައްތައް ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައެވެ. ފަހެ، އޭގައި ތިޔަބައިމީހުން ހިފަހައްޓާށެވެ.”3
وصلّى الله وسلّم على نبيّنا محمّد وعلى آله وصحبه أجمعين، والحمد لله ربّ العالمين.
ބައިތައް: ޢުލޫމުލްޙަދީޘް