ސުންނަތުގެ ލުޣަވީ މާނަ
بسم الله الرّحمن الرّحيم
الحمد لله، والصّلاة والسّلام على رسول الله، وعلى آله وصحبه ومن والاه، وبعد:
މި ސިލްސިލާ ލިޔުންތަކުގައި އަޅުގަނޑު ބަލައިލާނީ ސުންނަތަކީ ކޮބައިކަމުގެ މައްޗަށެވެ. އެގޮތުން، ލުޣަވީ ގޮތުންނާއި، ޝަރުޢީ ގޮތުންނާއި، އަދި ޢިލްމުވެރިންގެ އިޞްޠިލާޙުގައި ސުންނަތް މާނަކުރެވިފައިވާ ގޮތަށް إِنْ شَاءَ اللهُ ބަލައިލާނަމެވެ. މި ސިލްސިލާގެ ފުރަތަމަ ބައިގައި މި ބަލައިލަނީ ލުޣަވީ ގޮތުން، ނުވަތަ ބަހުގެ ގޮތުން السُّنَّةُ ގެ (ސުންނަތުގެ) މާނައަށެވެ.
ޢަރަބި ބަހުގައި السُّنَّةُ މި ކަލިމަ 3 މާނައެއްގައި ވާރިދުވެފައި ވެއެވެ.
- ފުރަތަމަ މާނައަކީ: الطَّرِيقَةُ އެވެ. އެބަހީ: މަގެވެ. ނުވަތަ ގޮތެވެ.
ﷲ -سُبْحَانَهُ وَتَعَالَى- ވަޙީ ކުރައްވާފައި ވެއެވެ.
يُرِيدُ اللَّهُ لِيُبَيِّنَ لَكُمْ وَيَهْدِيَكُمْ سُنَنَ الَّذِينَ مِن قَبْلِكُمْ وَيَتُوبَ عَلَيْكُمْ ۗ وَاللَّهُ عَلِيمٌ حَكِيمٌ ﴿٢٦﴾اللَّه އިރާދަކުރައްވަނީ، ތިޔަބައިމީހުންނަށް (مصلحة ހުރިގޮތް) بيان ކޮށްދެއްވުމަށެވެ. އަދި، ތިޔަބައިމީހުންގެ ކުރިން އުޅުނު (ރަނގަޅު) މީހުންގެ މަގުތަކަށް ތިޔަބައިމީހުންނަށް މަގުދެއްކެވުމަށެވެ. އަދި، ތިޔަބައިމީހުންގެ މައްޗަށް توبة ލެއްވުމަށެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ.
މިއާޔަތުގެ وَيَهْدِيَكُمْ سُنَنَ މިތަންކޮޅުގައިވާ سُنَنَ އަކީ سُنَّة ގެ ގިނަ (ޖަމްޢު) ގޮތެވެ. އަދި މިއާޔަތުގައި މިކަލިމަ ވާރިދުވެފައި މިވަނީ “މަގު” ނުވަތަ “ގޮތުގެ” މާނައިގައެވެ.
ދެވަނަ މާނައަކީ: ސީރަތެވެ. އެއީ ރަނގަޅު ސީރަތެއް ކަމުގައިވިޔަސް ނުވަތަ ނުބައި ސީރަތެއް ކަމެއް ކަމުގައި ވިޔަސް މެއެވެ.1
ތިންވަނަ މާނައަކީ: ކަމެއް ފެށުމެވެ.
މި މާނާގައި ނަބިއްޔާ -صَلَّى اللهُ عَلَيْهِ وَسَلَّمَ- ޙަދީޘް ކުރައްވާފައި ވެއެވެ.
(( مَنْ سَنَّ فِي الْإِسْلَامِ سُنَّةً حَسَنَةً فَلَهُ أَجْرُهَا وَأَجْرُ مَنْ عَمِلَ بِهَا بَعْدَهُ، مِنْ غَيْرِ أَنْ يُنْقَصَ مِنْ أُجُورِهِمْ شَيْئاً، وَمَنْ سَنَّ فِي الْإِسْلَامِ سُنَّةً سَيِّئَةً كَانَ عَلَيْهِ وِزْرُهَا وَوِزْرُ مَنْ عَمِلَ بِهَا بَعْدَهُ، مِنْ غَيْرِ أَنْ يُنْقَصَ مِنْ أَوْزَارِهِمْ شَيْئاً ))މާނައީ: “އިސްލާމްދީނުގައި ހެޔޮ ކަމެއް ފަށައިގެންފި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެ ހެޔޮކަމެއްގެ ދަރުމަ ލިބޭނެއެވެ. އަދި އެމީހެއްގެ ފަހުން އެ ހެޔޮ ޢަމަލު ކޮށްފި ކޮންމެ މީހެއްގެ ދަރުމަވެސް ލިބޭނެއެވެ. އެއީ އެމީހުންގެ ދަރުމައިން އެއްވެސް މިންވަރެއް އުނި ނުވާ ގޮތުގައެވެ. އަދި އިސްލާމްދީނުގައި ނުބައި ކަމެއް ފަށައިގެންފި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެކަމުގެ ފާފަ ލިބިގެންދާނެއެވެ. އަދި އެމީހަކަށް ފަހުގައި އެ ނުބައި ޢަމަލެއް ކޮށްފި ކޮންމެ މީހެއްގެ ފާފަވެސް ލިބޭނެއެވެ. އެއީ އެމީހުންގެ ފާފައިން އެއްވެސް މިންވަރެއް އުނި ނުވާ ގޮތުގައެވެ.”
وصلّى الله وسلّم على نبيّنا محمّد وعلى آله وصحبه أجمعين، والحمد لله ربّ العالمين.
ފުޓްނޯޓްތައް
ފުރަތަމަ މާނައާއި ދެވަނަ މާނަ القاموس المحيط ގެ سنن މި މާއްދާ އިންނާއި، الرّاغب ގެ المفردات ގެ ޞ. 429 އިން ފެނިވަޑައިގަންނަވާނެއެވެ. ↑︎
ބައިތައް: ޢުލޫމުލްޙަދީޘް