ފިތުނައިގެ ޙަދީޘްތައް - ފުރަތަމަ ބައި

ޢަދިއްޔު މުޙައްމަދު ފިތުނައިގެ ޙަދީޘްތައް (ބައި 1) 2 މިނިޓު ކިޔުން

بِسْمِ اللهِ الرَّحْمَنِ الرَّحِيم

الْحَمْدُ للَّهِ رَبِّ الْعَالَمِينَ، والصَّلَاةُ وَالسَّلَامُ عَلَى رَسُولِهِ الْأَمِينِ، وَبَعْدُ:

މި ސިލްސިލާ ލިޔުންތަކުގައި މި ބަލައިލަނީ ފިތުނައާ ގުޅޭ ޙަދީޘްތަކަކަށެވެ. މި ޙަދީޘްތައް ނަގާފައިވަނީ “الْفِتَنُ وَالْحَوَادِثُ” ގެ ނަމުގައި އައްޝައިޚް މުޙައްމަދު ބުނު ޢަބްދިލްވައްހާބް -رَحِمَهُ اللهُ- ޖަމާކުރެއްވި ޙަދީޘްތަކުންނެވެ. ޙަދީޘްތަކުގެ މަތުނު ގެނެސްދީފައިވާނީ އެ ފޮތުގައިވާ ގޮތަށެވެ. އަދި މާނަކޮށް ޝަރަޙަކުރުމުގައި ބަލާފައި ވާނީ އައްޝައިޚް ޞާލިޙުލް ފައުޒާން -حَفِظَهُ اللهُ- ގެ ޝަރަޙައަށެވެ.

ފުރަތަމަ ޙަދީޘް

عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «بَادِرُوا بِالأَعْمَالِ فِتَنًا كَقِطَعِ اللَّيْلِ الْمُظْلِمِ، يُصْبِحُ الرَّجُلُ مُؤْمِنًا، وَيُمْسِي كَافِرًا، أَوْ يُمْسِي مُؤْمِنًا، وَيُصْبِحُ كَافِرًا، يَبِيعُ دِينَهُ بِعَرَضٍ مِنَ الدُّنْيَا». رَوَاهُ مُسْلِمٌ.

އަބޫ ހުރައިރާ رَضِيَ اللهُ عَنْهُ ގެ ކިބައިން ރިވާވެގެންވެއެވެ. الله ގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. “އަނދިރި ރޭގަނޑެއްގެ ބައިތަކެއް ފަދަ (ނުރައްކާތެރި) ފިތުނަތައް އައުމުގެ ކުރިން ހެޔޮ ޢަމަލުތައް ކުރުމަށް އަވަސްވެގަންނާށެވެ ! (އެ ފިތުނަތަކުގެ ސަބަބުން) މީހާ ހެނދުނު މުއުމިނެއްގެ ގޮތުގައި ހުރެފައި، ހަވީރުވާއިރު ކާފަރަކަށް ވެދެއެވެ. ނުވަތަ ހަވީރު މުއުމިނެއްގެ ގޮތުގައި ހުރެފައި، ހެނދުނުވާއިރު ކާފަރަކަށް ވެދެއެވެ. ދުންޔަވީ ކުޑަކުޑަ މަންފާއަކަށްޓަކައި އޭނާގެ ދީން ވިއްކާލައެވެ.”

ރިވާކުރެއްވީ: މުސްލިމް، 118، 186

މި ޙަދީޘްގައި މިވަނީ ހެޔޮ ޢަމަލުކުރުމަށް އަވަސްވެގަތުމަށް ގޮވައިލައްވާފައެވެ. ސަބަބަކީ، ފިތުނަތައް ކުރިމަތިވުމަށްފަހު ހެޔޮ ޢަމަލުކުރަން ފަސޭހަ ނުވެދާނެތީއެވެ. އެހެންކަމުން، ހެޔޮ ޢަމަލުތައް ލަސްކުރުމުގެ ބަދަލުގައި އަވަސްކުރަންޖެހެއެވެ.

މީގެ އިތުރުން، ފިތުނައިގެ ވަގުތުގައި ދީނުގައި ސާބިތުވެ ދެމިހުންނަންޖެހޭކަންވެސް ބަޔާންކުރެއްވިއެވެ. އެއީ ހެނދުނު މުއުމިނެއްގެ ގޮތުގައި ހުރެފައި ހަވީރު ކާފިރުވާ، ނުވަތަ ހަވީރު މުއުމިނެއްގެ ގޮތުގައި ހުރެފައި ހެނދުނު ކާފިރުވާ މީހާއާ ޚިލާފަށެވެ. އޭގެ ބަދަލުގައި އޭނާއަށް އޮތީ ދީނުގައި ސާބިތުވެ، ހެޔޮ ޢަމަލު ކުރުމަށް އަވަސްވެގަނެ، އޭނާގެ ވެރި ރައްބަށް އަޅުކަންކުރުމުގައި މަޝްޣޫލު ވުމެވެ.

މި ޙަދީޘްގައި އަނދިރި ރޭގަނޑެއްގެ ބައިތަކަކާއި ފިތުނަތައް އެއްވައްތަރު ކުރައްވާފައި ވަނީ، އެ ފިތުނައިގެ ބޮޑުކަމާއި އޭގެ ތެރޭގައި ރަނގަޅު ގޮތް ހޯދަން އުނދަގޫ ވެގެންދާ މިންވަރުގެ ބޮޑުކަމުންނެވެ. އެއީ ރޭގަނޑުގެ އަނދިރީގައި އެހެން އަލިކަމެއް ނެތި ތަންދޮރު ދެނެގަންނަށް ދަތިވާ ފަދައިންނެވެ.

އެ ފިތުނަތައް އައުމުން، ބައެއް މީހުން އެމީހުންގެ ދީނުގައި ސާބިތުވެ ތިބެއެވެ. އެކަމުގައި ބޮޑެތި އުނދަގޫތައް ތަޙައްމަލްކުރަން ޖެހުނަސްމެއެވެ. އެއީ الله سُبْحَانَهُ وَتَعَالَى އެބަޔަކަށް ތައުފީޤު ދެއްވައި ސަލާމަތްކުރައްވާ މީހުންނެވެ. އަނެއް ބަޔަކު މަގުފުރެދިގެން ދެއެވެ.

މި ޙަދީޘުން އިތުރަށް ބަޔާންވާ ގޮތުގައި ފިތުނަތަކުގެ ތެރޭގައި ދުނިޔޭގެ ފިތުނަ ހިމެނެއެވެ. އެއީ ޙަދީޘްގައި " ދުންޔަވީ ކުޑަކުޑަ މަންފާއަކަށްޓަކައި އޭނާގެ ދީން ވިއްކާލައޭ" އޮތް ތަންކޮޅުންނެވެ. ބައެއް މީހުން ދުނިޔޭގެ އެދުންވެރިކަމަށްޓަކައި، މަޤާމާއި، ފައިސާއާއި، ބާރުވެރިކަން ހޯދުމަށްޓަކައި އޭނާގެ ދީން ވިއްކާލައެވެ.

ޙަޤީޤަތަކީ މުއުމިން އަޅާ ދުނިޔެއަށްޓަކައިވެސް، އަދި އާޚިރަތަށްޓަކައިވެސް މަސައްކަތްކުރަންޖެހޭ ކަމެވެ. ނަމަވެސް، ދުނިޔެއަކީ އާޚިރަތަށްޓަކައި ދަނޑުގޮވާންކުރާ ބިމެއްކަމާއި، ކަނޑައްތުކޮށްފައި ދާންޖެހޭ ފާލަމެއްކަމާއި، އާޚިރަތަށް ވަޞީލްކޮށްދޭ ސަވާރީއެއްކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ. ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ހެއްލުންތެރިކަމުގެ ވަގުތީ އުފަލެއްދޭ އަވާމެންދުރެއް ކަމުގައެވެ. އަދި ޤަރާރުވެ ތާއަބަދަށް ދެމިތިބޭނެ ތަނަކީ އާޚިރަތެވެ.

وَصَلَّى اللهُ وَسَلَّمَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ

ބައިތައް: ޙަދީޘް

ޓެގުތައް: #ސުންނަތް#މަންހަޖު#ފިތުނަ